








ފޮޓޯ: ވަން އޮންލައިން
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން މާލެ ސަރަޙައްދު ހިމެނޭހެން ކ. އަތޮޅަށް އޮރެންޖު އިންޒާރު ނެރެފައިވަނިކޮށް، ބޯކޮށް ވާރޭވެހި މާލެ ސަރަޙައްދުގައި ފެންބޮޑުވަމުންދާތީ، ޢާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިންސްޕެކްޝަން ޓީމުތަކުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޢަމަލީގޮތުން ޙަރަކާތްތެރިވަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.
މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު އިންޒާރު ނެރެފައިވަނީ މިރޭގެ 20:50 އިން ފެށިގެން 22:30 ގެ ނިޔަލަށެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އިންޒާރާއެކު ވެހެމުންދާ ބޯވާރޭގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މި ވިއްސާރައާ ގުޅިގެން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭބިސީތަކަށާއި ޢާންމުންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެޗްޑީސީގެ ޓީމުތަކުން ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާއިރު، އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރު ނަންބަރު 1516 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ މުހިންމު ޒިންމާއެކެވެ. އެހެންކަމުން، މިފަދަ ވިއްސާރަ މޫސުމުގައި ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވެ، އެންމެހައި ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުއްވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.








