








ރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު، ސުލްޠާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު، އެގައުމުގެ ސުލްޠާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ބަންދަރު ސެރީ ބެގަވަންގައި ހުންނަ އިސްތާނާ ނޫރުލް އީމާންގަ އެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު، ހަރ އެކްސެލެންސީ ޑރ. މަރްޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ހިޒް މެޖެސްޓީ ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިޔާ މުޢިއްޒުއްދީން ވަދައުލާ އިބްނި އަލްމަރުޙޫމް ސުލްޠާން ޙާޖީ ޢުމަރު ޢަލީ ސައިފުއްދީން ސަޢަދުލް ޚައިރީ ވައްދީން އަށް މިއަދު އަރުވައިފި އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސުލްޠާނާ ބައްދަލުކުރައްވައި، ހަރ އެކްސެލެންސީ ޑރ. މަރްޔަމް ޝަބީނާ އަޙްމަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ހިޒް އެކްސެލެންސީ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެމަނިކުފާނަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފަ އެވެ. އަދި ސުލްޠާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން، ބުރުނާއީ ދާރުއްސަލާމްގެ ރައްޔިތުންނަށް ދެމި އޮންނަ ސުލްޙަމަސަލަސްކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ޝަބީނާ އަހްމަދު ވިދާޅުވި އެވެ.
ސުލްޠާން ވަނީ ހައިކޮމިޝަނަރުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ހަރ އެކްސެލެންސީއަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި ރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ ޙައިސިއްޔަތުން އެކަމަނާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ބުރުނާއީ ދާރުއްސަލާމްގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.
ހަރ އެކްސެލެންސީގެ ވާހަކަފުޅުގައި ރާއްޖެއަށް ބުރުނާއީ ދާރުއްސަލާމްގެ ސަރުކާރާއި ރައްޔިތުން ދިގު މުއްދަތަކަށް ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހަމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެކަމަނާ އަލުން ދެއްވި އެވެ.
މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ޑރ. ޝަބީނާގެ އަރިހުގައި، މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ފާޠިމަތު ޝަބާ ބައިވެރިވެވަޑައިގެންނެވި އެވެ.
ހައިކޮމިޝަނަރު ޑރ. ޝަބީނާ އަކީ ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ އިތުރުން، ފިލިޕީންސް ޖުމްހޫރިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުވެސް މެއެވެ.








