








ދިއްލީ ހާފް މެރަތަންގައި ރާއްޖޭގެ ދެ އެތްލީޓުން ވާދަކުރަނީ.. ފޮޓޯ: ރަނިންގ މޯޑް އެތްލެޓިކްސް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިއްޔެ ބޭއްވި، 21 ވަނަ "ވެދާންތާ ދިއްލީ ހާފް މެރަތަން"ގެ އަންހެނުންގެ 40 އަހަރާއި 44 އަހަރާއި ދެމެދުގެ އޭޖް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ދުވުންތެރިޔާ ޢާއިޝަތު ޖިނާނީ އިބްރާހީމް އެއްވަނަ ހޯދައިފިއެވެ.
ރަނިންގ މޯޑް އެތްލެޓިކްސްގެ ފަރާތުން މި ރޭހުގައި ވާދަކުރި ޖިނާނީ ރޭސް ނިންމާފައިވަނީ 1 ގަޑިއިރާއި 31 މިނެޓު 31 ސިކުންތުންނެވެ. މިއީ މީގެކުރިން އޭނާ ހާފް މެރަތަންއެއް އެންމެ އަވަހަށް ނިންމި ވަގުތު ކަމަށްވާ 1 ގަޑިއިރާއި 35 މިނެޓާ އަޅާބަލާއިރު 4 މިނެޓުގެ ބޮޑު ކުރިއެރުމެކެވެ.
މި އަހަރުގެ ދިއްލީ ހާފް މެރަތަންގައި ރާއްޖޭގެ ދެ ކްލަބެއްގެ ދުވުންތެރިން ވާދަކޮށްފައިވާއިރު، އޭގެ ތެރޭގައި ރަނިންގ މޯޑް ކްލަބުގެ ފަރާތުން އީނު، އަޝްހަދު، ފަރާޒް، ހުސީ، އަޙްމަދު ޢަލީ، ޝަމޫން އަދި ޖިނާނީ ބައިވެރިވިއިރު، މެރަތަން ރަނާރސް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޝިފާޒާއި ރިޝްމީ ވަނީ އެ ދެ އެތުލީޓުން ވާދަކުރި ކެޓަގަރީން 3 ވަނަ ހޯދާފައެވެ.
ދުނިޔޭގެ އެތުލެޓިކްސްގެ "ގޯލްޑް ލޭބަލް ރޯޑް ރޭސް" އެއްގެ ގޮތުގައި ފާހަގަކުރެވޭ ވެދާންތާ ދިއްލީ ހާފް މެރަތަންގެ 21 ވަނަ އެޑިޝަން ކުރިއަށްދިޔައީ "#RunForZeroHunger" ޝިޢާރުގެ ދަށުންނެވެ.
އިންޑިއާގެ ވެރިރަށް، ދިއްލީގެ މަގުތަކުގައި އިއްޔެ ބޭއްވި މި ބިޔަ ދުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 40،000 އަށްވުރެ ގިނަ ދުވުންތެރިން ވާދަކޮށްފައިވާއިރު، މި ރޭހުގެ އެލީޓް ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދައި ކޯސް ރެކޯޑު މުގުރާލީ ކެންޔާގެ ޗާލްސް މަޓާޓާއެވެ.
އޭނާ ރޭސް ނިންމީ 58 މިނެޓާއި 52 ސިކުންތުންނެވެ. މިއީ 2020 ގައި ހަދާފައިވާ ރެކޯޑަށްވުރެ އެއް ސިކުންތު އަވަސް ވަގުތެކެވެ. މީގެއިތުރުން ފިރިހެން އެލީޓް ބައިގެ ގަދަ ތިން ވަނަވެސް ކަށަވަރުކުރީ ކެންޔާގެ ދުވުންތެރިންނެވެ. އެލީޓް އަންހެން ބައިގެ އެއްވަނަ ހޯދީ 1:06:35 އިން ރޭސް ނިންމި އިތިއޯޕިއާގެ ވުދިނޭޝް އަލެމޫއެވެ.
މިއަހަރުގެ މުބާރާތުގެ ޖުމްލަ ފައިސާގެ އިނާމަކީ 275،732 އެމެރިކާ ޑޮލަރެވެ. އޭގެ ތެރެއިން އެލީޓް ފިރިހެން އަދި އަންހެން ބައިގެ އެއްވަނައަށް ދިޔަ ކޮންމެ ދުވުންތެރިއަކަށް 27،000 ޑޮލަރުގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.




