
ފުވައްމުލަކު ސިޓީގައި ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
އެ ސިޓީގައި މީގެކުރިން އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދެމުން އައީ ފެނަކައިންނެވެ.
ފުވައްމުލައް ސިޓީގައި ސްޓެލްކޯގެ ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. ސްޓެލްކޯ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން މި ގެނެވުނު ބަދަލަކީ، ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މީގެއިތުރުން، ސްޓެލްކޯއިން ކަނޑައަޅާފައިވާ މަތީ މިންގަނޑުތަކަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އަޒުވަރު އެދިވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ ރޭގެ ވަގުތެއްގައި ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯއަކީ ޚިދުމަތް ދިނުމުގައި ދިގު އަދި ފަޚުރުވެރި ތާރީޚެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމުގެ މުހިންމުކަން އެމްޑީ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މަސައްކަތުގެ މާހައުލުގައި އަޚްލާޤާއި ސުލޫކު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ކުންފުނީގެ ހަރުދަނާ އުސޫލުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް މުވައްޒަފުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.ރާއްޖޭގެ އަތޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ ޔުޓިލިޓީގެ އެންމެހައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ގެނައުމަކީ ސަރުކާރުން މިހާރު ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ.















