
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ
ފ.ބިލެތްދޫ އަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސާމަރާމަންޒިލް/ފ.ބިލެތްދޫ، ޖަމްޝީދު އިސްމާއީލް (43އ) އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ބިލެތްދޫއަށް ދަތުރުކުރަމުންދާ ދޯންޏެއްގައި މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
ބިލެތްދޫ ފުލުހުން ހިންގި އޮޕަރޭޝަންގައި އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި، އޭނާ ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 662 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.












