








ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސާއި މުސާރަ ނުލިބުނަސް އުޅެވިދާނެ ކަމަށާއި، ނަމަވެސް ދައުލަތް ހިންގުމުގައި ވަކި އޮނިގަނޑަކާއި އުސޫލުތަކެއް އޮންނާންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލާ މަޖިލީހަަށް ހުށަހެޅި ޕެޓިޝަންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރުކަން ވެސް ކުރައްވާ ސަލީމް ވަނީ މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުން މެންބަރެއްގެ ބޭސްފަރުވާއަށް މަހަކު ހޭދަކުރަނީ އެންމެ 2,000 ރުފިޔާ ކަމަށާއި އެއީ އަހަރަކަށް 24,000 ރުފިޔާކަމަށްވާއިރު، މިއީ ދައުލަތަށް އޮތް ބޮޑު ބުރައެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މެންބަރުންނަށް ފަރުވާގެ ހަރަދު ލިބެނީ އިންޝުއަރެންސް ކުންފުނި މެދުވެރިކޮށް ކަމަށާއި، އާސަންދައިގެ ތެރެއަށް ވަދެއްޖެނަމަ ދައުލަތުން ކުރާން ޖެހޭ ހޭދަ މާ ބޮޑުވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދައުލަތުގެ ތިން ބާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު ފަދަ އިސް މަގާމުތަކަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިފައިވަނީ ހަމަޖެހިފައިވާ ހާއްސަ އުސޫލުތަކަކާއި އޮނިގަނޑެއްގެ ތެރެއިން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންނަށް ނުލިބޭ މުސާރައާއި އިނާޔަތްތައް ދައުލަތުގެ ވަޒީފާތަކާއި މަގާމުތަކުގައި ތިބޭ މީހުންނަށް ދިނުމަކީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ދެކި، އެ ތަކެތި އުނިކުރަން ވަކާލާތު ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.




