
ހަންޏާމީދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު
އދ. ހަންޏާމީދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް އެންޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ބުނެފި އެވެ.
މިނިސްޓްރީން މި މަސައްކަތުގެ އަދާހަމަ ހިއްސާކޮށް އެކްސްގައި ވަނީ ޕޯސްޓެއްކޮށްފަ އެވެ.
މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން މިހާރު ފައުންޑޭޝަން އަދި ފްރޭމްވޯކްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހިޔާ ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށަށް ޒިޔާރަތްކުރައްވާ ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި މަޝްރޫއުގެ ބިންގާ މިނިސްޓަރު އަބްދު ﷲ ރާފިޢު އަޅުއްވައިދެއްވިއިރު، މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރާއި، ހަންޏާމީދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފިޓްނެސް ސެންޓަރުތައް ގާއިމްކުރުމުގެ އަމާޒުގައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި އަޅާ ފިޓްނަސް ސެންޓަރެވެ. މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ހަމަޖެހިފައިވެ އެވެ.












