

.jpeg?w=3840&q=75)



.jpeg?w=3840&q=75)

ދިއްދޫ އާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ކުލަބް އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-2 ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ދިއްދޫ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ފުޓްބޯޅަައިގެ ގަދަބާރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މިއަދުގެ މެޗުގެ ކުރިން އީގަލްސް އިން ލީގުގައި ކުޅުނު ތިން މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ.
ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ލީޑު ހޯދުމަށް ފުރަތަމަ ހާފުގައި ދިއްދޫ ޓީމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އެޓީމުގެ އައިވަރީ ކޯސްޓު ފޯވާޑް، ޓެޓޭ ގިޑިއޯން ފޮނުވާލި ޕެނަލްޓީ އީގަލްސްގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ ހުޝިއަރުކަމާއެކު ދިފާއުކޮށްފައެވެ.
އީގަލްސް އިން މެޗުގެ ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އީގަލްސްގެ ފޯވާޑް، މުހައްމަދު ޖައިލަމް އެވެ. މިއީ އެޓީމުގެ މިސްރު ކުޅުންތެރިޔާ، އަބްދުލް ސަޑެކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިގަލްސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ދިއްދޫ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޗިއާ ފެލިކްސް އެވެ. އަދި މިމެޗުގައި އީގަލްސްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެޓީމުގެ އަލީ އިޝްފާގު ހަސަން މަޖީދުއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މީއާއެކު މެޗުގެ ބާކީބައި އީގަލްސް އިން 10 ކުޅުންތެރިންނާއެކު ފުރިހަމަކުރިއިރު، މެޗުގެ 74 ވަނަ މިނެޓުގައި ޓެޓޭ ވަނީ ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ދިއްދޫ ޓީމަށް ލީޑު ހޯދައިދީފައެވެ.
އީގަލްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓެކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލައިބީރިއާގެ ފޯވާޑް، ވެން ޑޭމް ހާމޮން އެވެ.
މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުހައްމަދު ޝަމްހާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ކުލަބު އީގަލްސް މިވަގުތު އޮތްއިރު، މިމެޗުން ހޯދި ޕޮއިންޓާއެކު ލީގުގައި ކުޅުނު ފަސް މެޗުން ދިއްދޫއަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.






.jpeg?w=3840&q=75)
