







މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން މުލީ ކައުންސިލާއެކު ބޭއްވި މަޝްވަރާ ބައްދަލުވުން
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މ. މުލީ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަައާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ މުލީގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އަދި މިހާރުވެސް ކުރިއަށްދާ މުހިންމު މަޝްރޫއުތަކަށް ކަމަށެވެ.
އެގޮތުން ރަށަށް ދިމާވެފައިވާ ގިރާ ސަރަހައްދުތަކުގެ މައްސަލައާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ވުޒާރާއިން ފާހަގަކުރި އެވެ. އަދި ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރު ކުރިއަށްދާ ހަކަތައާ ގުޅުންހުރި އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވާކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މީގެއިތުރުން ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވުޒާރާގެ ފަރާތުން ކައުންސިލަށް މައުލޫމާތު ދީފައިވާކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ ބައްދަލުވުމުގައި މުލީ ކައުންސިލްގެ މެންބަރުން ރަށުގެ ތަރައްޤީއަށް އެންމެ އިސްކަންދޭންޖެހޭ ކަންކަމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވުޒާރާގެ އިސްވެރިންނާ ޙިއްޞާކުރައްވާފައިވާ ކަމަށެވެ. އަދި ވުޒާރާގެ ފަރާތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯދައިދިނުމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިކަމަށްވެސް ވުޒާރާއިން ބުންޏެވެ.







