
.jpg?w=3840&q=75)



.jpeg?w=3840&q=75)



އިންފޮމޭޝަން ކޮމިޝަނަރގެ މަގާމަށް ޢަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު މީގެކުރިން ވެސް އަދާކުރައްވާފައިވާ އަޒީ މިހާރުހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
މި މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކުރީ މިހާރު އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ ދައުރު، އަންނަ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅެއްގެ ގޮތުގައި ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ނަންފުޅު ފޮނުއްވި ނަމަވެސް، މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހާ ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާންމު އިއްވެވުމާ ގުޅިގެން، ރިޔާސަތުން ވަނީ އެ ނަންފުޅުތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި ބޭފުޅާއެވެ. މީގެއިތުރުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބިލު އެކުލަވައިލުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި ދުވަސްވަރު ޢަބްދުލްޢަޒީޒު ވަނީ، ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މުހިންމު ގަވާއިދުތައް ހެއްދެވުމުގެ އިތުރުން، އެ އޮފީހުގެ އިދާރީ އޮނިގަނޑު އެކުލަވާލައްވައި ހިންގުން ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

.jpg?w=3840&q=75)






