





.jpg?w=3840&q=75)


މާލޭގެ ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ، ފަރުވާދެމުން ދަނިކޮށް މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ ޢާއިޝަތު މާހިދާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މަރްޙޫމާ ޢާއިޝަތު މާހިދާ ވަކިވެދިޔުމުގެ ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، އެކަމަނާގެ ޢާއިލާއަށާއި މޯލްޑިވްސް އިމިގްރޭޝަންގެ އެންމެހައި މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ.
މާހިދާ ނިޔާވެފައިވަނީ ސޯސަންމަގުގައި ހިނގި އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.








