






.jpeg?w=3840&q=75)

އިޕްސްވިޗް ކޮޅަށް ލަނޑުޖެހުމަށްފަހު ހާލަންޑް އުފާފާޅުކުރަނީ...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައިވާއިރު، އިޕްސްވިޗް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތިޖާއަކުން ފުލަމް ބަލިކޮށްފައެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 19 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ފިލް ފޮޑެން އެވެ.
ނަމަވެސް އޭގެ ދެމިނެޓް ފަހުން އިޕްސްވިޗުގެ ޖަޕާން ފޯވާޑް ޑައިޒަން މެއިޑާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ހަލާންޑް ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައި 2-1 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ސިޓީ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 69 ވަނަ މިނެޓުގައި ހާލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި އިޕްސްވިޗްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޒިއަން ފްލެމިން ކާމިޔާބުކުރި ލަނޑާއެކު، މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެެކު ލީގުގައި ކުޅުން ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި މެންޗެސްޓާ ސިޓީ އޮތްއިރު، މިމެޗުން ބަލިވި އިޕްސްވިޗް އިން ލީގުގައި ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ








