



.jpg?w=3840&q=75)




އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއަރޕާސަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
މިފްކޯއިން އެގްރޯނެޓުގެ އައު ލީޑަރޝިޕަށް މަރުހަބާ ކިޔައި ބުނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް އެ ބޭފުޅުންނާއެކު ގާތުން މަސައްކަތް ކުރުމަށް އުންމީދުކުރާ ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، އައު މަގާމުތަކާ ހަވާލުވެވަޑައިގެންނެވި އަނަސްއަށާއި ސިނާނަށް ވަނީ ކާމިޔާބީއަށް އެދިފައެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން އެގްރޯނެޓް އުފެއްދީ 21 އެޕްރީލް 2020 ގައެވެ. އެއީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 2024 ވަނަ އަހަރުގެ ތެރޭގައި އެގްރޯނެޓް އުވާލުމަށް ކުރިން ނިންމި ނަމަވެސް، ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ސަރުކާރުން އެ ނިންމުން ބަދަލުކުރީ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށްކަމަށް ވަނީ ބުނެފައެވެ.
އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވި ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެންސީއަށް ނިސްބަތްވެވަޑައިގެންނެވި ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މީގެ ހަމަހެއްހާ ދުވަސް ކުރިންނެވެ.
ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އޭނާއާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް އޮކްޓޫބަރު 2024 ގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ.




.jpg?w=3840&q=75)