



.jpeg?w=3840&q=75)




މިފްކޯގެ ބޯޓަކަށް މަސްކިރުމަށް މަސްވެރިޔަކު ހަރަކާތްތެރިވަނީ - ގާފު ފޮޓޯ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު މަތިކޮށް، މިއަދުން ފެށިގެން މަސް ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށައިފިއެވެ.
މިއީ ވޭތުވެދިޔަ 3 މަސް ދުވަހުގެ ތެރޭގައި މަހުގެ އަގަށް އެ ކުންފުނިން ބަދަލު ގެނައި 4 ވަނަ ފަހަރެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި ޢާންމުގޮތެއްގައި މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް، މަހަށް އޮންނަ ޑިމާންޑް އިތުރުވުމާއި ބައިނަލްއަޤްވާމީ ބާޒާރުގައި ރަނގަޅު އަގެއް ލިބެމުންދާތީ މިފްކޯއިން ވަނީ އަގަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެ ކުންފުނިން އެންމެ ފަހުން މަހުގެ އަގަށް ބަދަލު ގެނައީ މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އޭރު 20 ރުފިޔާއިން 21 ރުފިޔާއަށް އަގު މަތިކުރިއިރު، މިއަދު މި ގެނައި ބަދަލާއެކު އިތުރު 1 ރުފިޔާ ބޮޑުވެ، އަގު ވަނީ 22 ރުފިޔާއަށް އަރާފައެވެ.
ފާއިތުވި މަސްތަކުގައި މިފްކޯއިން މަސް ގަންނަމުން އައި އަގުތަކަށް ބަލާއިރު:
މިފްކޯއިން ބުނީ، މަހުގެ އަގު ކަނޑައެޅުމުގައި ބަލަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބިނާވާ "ފްލޯޓިންގ ޕްރައިސް" އުޞޫލަށް ކަމަށެވެ. މީގެކުރިން ވަކި އަގެއްގައި ހިފެހެއްޓުމަށްފަހު، ކުރީ ސަރުކާރުގައި މަހުގެ އަގު 25 ރުފިޔާއަށް މަތިކުރުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ބާޒާރުގެ އަގަށް ބިނާވާ ގޮތަށް އުޞޫލު ބަދަލުކޮށް، ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިތާ މިއަހަރަށް މިއީ ދެވަނަ އަހަރެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މަހުގެ އުފެއްދުންތަކަށް އަގު އެއްކޮށްގެން (ވެލިއު އެޑްކޮށްގެން) ވިއްކުމާއި، މަހުގެ ކޮލިޓީ ހިފަހައްޓައި ބޭރުކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުން މިއަދު މަސް ގަންނަމުންދާނީ މި އައު އަގުގައެވެ.




.jpeg?w=3840&q=75)