
ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް އެރުވުމުގެ ރަސްމިއްޔާތު- ފޮޓޯ: ފުލުހުން
ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް 3 ފުލުހަކަށް އަރުވައިފި އެވެ.
ފުލުހުން ބުނީ މިއީ ޖުުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރު، ލޭންޑިންގް ކްރާފްޓް "ހޯކްސް ވޮޔޭޖް" ކ.ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ކަނޑުވި ހާދިސާގައިވެސް، ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް މި އޮފިސަރުން ކުރެއްވި ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަން ކުރުމަށް އަރުވާ ރަން މެޑަލް ކަމަށެވެ.
މިއަދު ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި މެޑަލް ހާސިލްކުރެއްވި އޮފިސަރުންނަކީ ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245) އާއި ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279) އަދި ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852) އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ކަނޑުވި 10 މީހުންގެ ތެރެއިން 8 މީހުން މާތް ﷲ ގެ ރަޙްމަތްފުޅާއެކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވީ ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ހިތްވަރާއި، އިހުލާސްތެރިކަން ފެނިގެންދާ ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކެވި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރެއްވިއިރު،މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާއިރު ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަމަސް ސީޕީ ވިދާޅުވި އެވެ.
މީގެއިތުރުން ސީޕީ ވިދާޅުވީ ފުރާނަ ސަލާމަތްކުރުމަށާއި އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ދޭ އަހައްމިޔަތު ތަކުރާރުކުރައްވައި، ވާޖިބު އަދާކުރުމުގައި ނަމޫނާ ހިތްވަރާއި އިހްލާސްތެރިކަން ސާބިތުކޮށްދޭ އޮފިސަރުންގެ އަގުވަޒަންކުރުމަކީ މުއައްސަސާއިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.











