






.jpeg?w=3840&q=75)

ފުލުހުންގެ މައި އިދާރާ
ވަކި މަގުސަދެއް ހާސިލުކުރަން ފުލުހުންގެ އިދާރާގައި ހަޅުތާލު ހެދުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސޯސަން މަގު، ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ އުނދަގޫ އިންތިހާއަށް ދިޔުމުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު މީހަކު ވަނީ ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، 10 ވަރަކަށް ގަޑިއިރަށް ފަހު އޭނާ އެތަނުން ވަނީ ނެރެލާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު ވިދާޅުވީ، އޭނާ އެ އިދާރާއިން ނެރުނީ، ވަކި މަގުސަދެއް ހާސިލުކުރަން ފުލުހުންގެ އިދާރާގައި ހަޅުތާލު ހެދުމުގެ ފުރުސަތު ނުދެވޭނެތީ ކަމަށެވެ. އަދި ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އޭނާގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެ ޚިދުމަތުން މަސައްކަތްކުރާނެ ކަމަށެވެ.
ސޯސަންމަގުގައި، އަހުމަދު ފާރިސް ނަމަކަށް ކިޔާ މީހެއްގެ އާންމު އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ. ނަމަވެސް، މިކަމުގައި ހައްލަކާ ހަމައަށް އާދެވިފައެއް ނުވެއެވެ.
ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފާރިސް ދަނީ އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުންކޮށް ހަދަމުންނެވެ. ބައެއް މީހުންނާ ދިމާއަށް ހަޅޭއްލަވައި އެއްޗެއް އުކައި ވީޑިއޯތައް ވެސް މީގެކުރިން އާންމުވެފައިވެއެވެ. އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން ނުކުމެ ވެސް ހުރެއެވެ. ހަމައެކަނި ތުވާއްޔެއް އަނދެލައިގެންވެސް މަގުމައްޗަށް ނުކުމެހުރެ ޒާތްޒާތުގެ ވައްތަރުތައް އާންމު މީހުންނާ ދިމާއަށް އޭނާ ޖައްސައެވެ.
އޭނާއާ ގުޅޭ ގިނަ ރިޕޯޓްތަކެއް ފުލުހުންނަށް ވެސް ވަނީ ކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާއަށް އެކި ފަހަރު މަތިން ވަނީ ފިޔަވަޅު ވެސް އެޅިއެވެ. ގާތްގަނޑަކަށް 30 ފަހަރު އޭނާ ހައްޔަރުކޮށްފައިވެއެވެ.
ފުލުހުންގެ އިދާރާގައި ހަޅުތާޅު ހެދި މުހައްމަދު ސައީދު ބުނި ގޮތުގައި ފާރިސްގެ އުނދަގޫ ޖެހޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަން ފުލުހަށް ރިޕޯޓްކޮށް އެތައް ދުވަހަކު ކެތްކުރެވިއްޖެ ކަމަށާއި އެހެން ނަމަވެސް އެ އުނދަގުލުން ސަލާމަތްވެފައިނުވާ ކަމަށެވެ.
އެކަށީގެންވާ ހެކި ހޯދުމަށް ފަހު، އެ ތަކެތި ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ސައީދު ބުންޏެވެ.
ސައީދު ވަނީ ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންގައި މިއަދު ހެނދުނުން ފެށިގެން ހަޅުތާޅު ފަށައިފައެވެ. އެކަން މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވަނިކޮށް އާންމު އުނދަގުލަކަށްވެފައިވާ ފާރިސް ވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު، އެންމެ ފަހުން ހަޅުތާލު ހެދި މީހާ ފުލުހުންގެ އިދާރާއިން ބޭރުކޮށްލީއެވެ.




