







ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި މެޑަމް ސާޖިދާ- ފޮޓޯ: ރައީސް އޮފީސް
ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސްކޮށްފި އެވެ.
މިއަދު ފާހަގަކުރަމުންދާ ދަނޑުވެރިންގެ ދުވަހާއި ގުޅިގެން މެޑަމް ސާޖިދާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މަސައްކަތެއްކަމަށެވެ.
ކޮންމެ ގެއަކާއި ގޯއްޗެއްތެރޭގައިވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުސަތެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މެޑަމް ވަނީ ދަނޑުވެރީންގެ ދުވަހުގެ ތަހުނިޔާ، މި ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަރިސްކޮށްފަ އެވެ. އަދި ކޮންމެ ދިވެއްސަކީވެސް ގަސް އިންދާ ހެއްދުމަށް ޝައުގުވެރި ރައްޔިތަކަށް ވުމަށް އިލްތިމާސްކުރައްވާ މެޑަމް ވަނީ ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ހަނދާކޮށްދެއްވާފަ އެވެ.








