







މަސްތުވާތަކެތީގެ މައްސަލާގައި ޅ.އަތޮޅުން ހައްޔަރުކުރި 3 މީހުން- ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާއި ގުޅިގެން ޅ.އަތޮޅުގައި ހިންގި 2 އޮޕަރޭޝަނަކުން 3 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތަހުމަތުގައި ހިންގި އޮޕަރޭޝަނަކަށްވާއިރު، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އެރަށު 2 ރައްޔިތުންކަމަށްވާ ސޯސަންވިލާ، ހުސައިން ހުޝާމު (35އ) އަދި ކަދުވަލުގެ އާދަމް ނަޞީރު (32އ) ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިހުން ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ ދެވަނަ އޮޕަރޭޝަން އޮޅުވެލިފުށީގައި ހިންގީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި އެރަށު ރައްޔިތެއްކަމަށްވާ ޝެހެނާޒްގެ މުޙައްމަދު އަފްރާޙް (28އ) އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ހުޝާމު އަދި އާދަމް ނަޞީރު ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުޙައްމަދު އަފްރާޙް 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.




