
-
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ޤާއިމުކޮށްފައިވާ ޚާއްޞަ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން 2026 އޮކްޓޫބަރު 12 ވަނަ ދުވަހު ބަންދުކޮށްފައިވަނީ އާމިރު ޙުސައިން، އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާން ނަމަކަށް ކިޔާ ތިން މީހުންނެވެ.
މި މައްސަލައިގެ ތަޙުޤީޤު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، އެ ފަރާތްތަކާމެދު އަޅާނެ ޤާނޫނީ ފިޔަވަޅުތައް ނިންމާނީ ތަޙުޤީޤަށް ލިބޭ އިތުރު މަޢުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ޞައްޙަ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ރިޕޯޓުކުރުމަށް ފުލުހުން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. މިފަދަ މައްސަލަތައް ތަޙުޤީޤު ކުރުމަށް އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯސްއާ މަޢުލޫމާތު ޙިއްޞާކުރަން ބޭނުންވާ ފަރާތްތަކުން، އެ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރުމަށް ފުލުހުން އެދެއެވެ.
މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ފޮނުވޭނެއެވެ.



.jpeg?w=3840&q=75)




.jpeg?w=3840&q=75)







