

.png?w=3840&q=75)






އަންހެން ކުދިންނަކީ މުޖުތަމައުތައް ވަރުގަދަކޮށް، ކުރިއެރުވުމުގައި މުހިންމު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އަންހެންކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ސާޖިދާ ވިދާޅުވީ، އަންހެން ކުދިންނަކީ މުޖުތަމައުތައް ވަރުގަދަކޮށް، ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އިސްނަގާ، އައު އީޖާދުތައް ތައާރަފުކުރާ، އަދި ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ބައެއްކަމަށެވެ.
މީގެއިތުރުން ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހިތްވަރާއި، އަޒުމާއި، އަދި އެކުދިންގެ ކިބައިގައިވާ ގާބިލުކަމުގެ އަގު ވަޒަންކުރައްވާކަމަށް ވެސް ވިދާޅުވިއެވެ. އަދި އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުމަށް އަންނަ ބަދަލެއް ނޫންކަން ފާހަގަކުރައްވައި، ވިދާޅުވީ އެއީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއްކަމަށެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާއާއި، އާންމު ޚިދުމަތުގެ ދާއިރާއާއި، ވިޔަފާރިއާއި، ކުޅިވަރުގެ އިތުރުން މުޖުތަމައުގެ އިސް ސަފުގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން ދަނީ ނަމޫނާ މަސައްކަތްތަކެއް ދައްކަމުންކަމަށެވެ. އަދި އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ މުހިންމު ހިއްސާއާއި ހޯދަމުންދާ ކާމިޔާބީތަކަކީ، ވަރުގަދަ އަދި ދެމެހެއްޓެނިވި ގައުމުތަކެއް ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެެއް ކަމަށް ވެސް ސާޖިދާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ.


.png?w=3840&q=75)



.jpg?w=3840&q=75)
