




.jpeg?w=3840&q=75)



ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާ، ހުކުމާ ހަމައަށް ހިނގައްޖެއެވެ.
މި މައްސަލައިގައި ދެފަރާތުން ހުށަހަޅަންޖެހޭ ހުލާސާ ބަޔާންތައް އިއްވާ ނިންމާފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށްދިޔައީ ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ހުލާސާ ބަޔާން އިއްވުމެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު، ހުކުމް އިއްވުމުގެ ޝަރީއަތް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ތާވަލުކުރައްވާ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށެވެ. މި މައްސަލައިގައި ފުރަތަމަ ހަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލިއެވެ. އެހެންނަމަވެސް، އެހެން ހުރިހާ ފަރާތްތަކެއް މިހާރު ވަނީ މި މައްސަލައިން ސަލާމަތްވެފައެވެ. އެގޮތުން، ރިޝްވަތުގައި މެދުވެރިއަކަށްވި ކަމަށް ބުނެ އަހުމަދު ރިޒާ (ކްރިކް ރިޒާ) ގެ މައްޗަށް ކުރި ދައުވާތައް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރި ދައުވާތައް ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ދައުލަތުން ނިންމިއެވެ.
މީގެއިތުރުން ރަށް ކުއްޔަށް ނެގި ކްލެސިކް ހޯލްޑިންގްސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެ ކުންފުނިން ރަށުގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލިއިރު ވެސް ރަށް އަތުލުމުގެ އެއްވެސް މަރުހަލާއެއް ހިންގާފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރީ، ޔޫއޭއީގައި ރަޖިސްޓްރީކޮށްފައިވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. ބައިނަލްއަގުވާމީ ގޮތުން ލީކުވި "ޕެންޑޯރާ ޕޭޕާސް" ގެ ލިޔުންތަކުން ހާމަވާ ގޮތުގައި، މި މުއާމަލާތުގެ އަޑީގައި ތިބީ އިންޑިއާގެ ނުފޫޒުގަދަ ދެ ވިޔަފާރިވެރިން ކަމަށްވާ ޕްރޮޕަޓީ ޑިވެލޮޕަރު އަވިނާޝް ބޮސާލޭ އަދި ލޮޖިސްޓިކްސް ވިޔަފާރިވެރިޔާ އަމިތު ކުމާރު ގާންދީއެވެ.
ދައުލަތުން ތުހުމަތުކުރަނީ މި ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ބޮޑެތި އަދަދުތަކުން ރިޝްވަތު ބަދަލުކޮށްފައިވާ ކަމަށެވެ.




