



.jpeg?w=3840&q=75)




-
އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ޒުވާނުން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދަރިވަރުންގެ ގުޅުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އައިޔޫއެމް ދަރިވަރުންގެ ގުޅުމުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ޖަމްޢިއްޔާގެ ރައީސް ދާނިޝް ބިން މުޙައްމަދު ފަތުޙީ އާއި ނައިބު ރައީސް ސާލިމް ޢަބްދުﷲ އެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އައިޔޫއެމްގެ ދަރިވަރުންގެ ގުޅުން ގުޅިގެން ހިންގިދާނެ އެކިއެކި ދީނީ އަދި އިޖުތިމާޢީ ޙަރަކާތްތަކާ ގުޅޭގޮތުންނެވެ.
ވަކިން ޚާއްޞަކޮށް، އިސްލާމީ ހަމަތަކާއި އަޚްލާޤިއްޔާތުގެ މަތީގައި ތިބެ މުޖުތަމަޢަށް ފައިދާހުރި ޒުވާން ލީޑަރުން ބިނާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ޢަމަލީ މަސައްކަތްތަކުގެ މައްޗަށް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މި ބައްދަލުވުމާއެކު، ޔުނިވަރސިޓީ ދަރިވަރުން މެދުވެރިކޮށް ޒުވާނުންގެ މެދުގައި އިސްލާމީ އަގުތައް ކުރިއެރުވުމަށާއި، ޒުވާން ޖީލު ހެޔޮ މަގުގައި ބިނާކުރުމަށް އިސްލާމީ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




.jpeg?w=3840&q=75)