






%20(1).jpg?w=3840&q=75)

މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން.
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ތާވަލުގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލީގުގަައި ސިޓީ އެންމެ ފަހުން ކުޅުނު މެޗުގައި 5-3 ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިކޮށްފައިވާއިރު، ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން. ވަނީ 1-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައި ވަނީ ސިޓީ އިންނެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ދެޓީމަށް ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ މެޗުގެ 62 ވަނަ މިނެޓުގައި އެޓީމުގެ ނެދަލޭންޑްސް މިޑްފިލްޑަރު ރަޔާން ގްރަވެންބާޗަށް ދެވަނަ ރީނދޫކާއެކު ރަތްކާޑުދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މިއާއެކު މެޗުގެ ބާކީ ބައި ލިވަޕޫލުން އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، ސިޓީ އިން ލީޑުހޯދީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ލަނޑު އެޓީމުގެ ފޯވާޑް އެރްލިން ހާލަންޑް ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޖެރަމީ ޑޯކޫ އެވެ.
މިމެޗުގައި ސިޓީގެ ތިންވަނަ ލަނޑު މިޑްފިލްޑަރު ރަޔާން ޗާކީ ކާމިޔާބުކުރިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތިޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިއީ ލީގުގައި މެންޗެސްޓާ ސިޓީ އިން ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން ހޯދި 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.








