



.jpeg?w=3840&q=75)




-
އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްފިނަމަ، ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި އަދި ކާރިސާތަކާ ކުރިމަތިލުމުގެ ފުރިހަމަ ޤާބިލުކަން ލިބިގެންވާ ސިޓީއެއް ބިނާކުރެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރު ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، ރައްކާތެރި ބޯހިޔާވަހިކަމާއި ކަންކަމަށް އަވަހަށް އިސްތިޖާބަދޭން ތައްޔާރުވެފައިވާ ހޭލުންތެރި މުޖުތަމަޢުތަކެއް ބިނާކޮށް، ކާރިސާތަކަށް ކެތްތެރި މާލެއެއް ބިނާކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރަންޖެހެއެވެ. އަދި އެކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ހުރިހާ ފަރާތްތަކުން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"ސިޓީއެއްގެ ގޮތުން ކާރިސާތަކަށް ކެތްކުރެވޭނެ ފަދަ ވަރުގަދަ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށާއި، ފެން ހިންދާ ނިޒާމުތައް ހަރުދަނާކުރުމުގެ އިތުރުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ ފުރާނަ ރައްކާތެރިކުރުމަށް ރައްޔިތުން ބާރުވެރިކުރުވުމުގައި އަޅުގަނޑުމެން ދެމިތިބެންޖެހޭ،" މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި އެނޫންވެސް ދިމާވާ ޤުދުރަތީ ހާދިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކާއި ޢާންމު ރައްޔިތުން ގުޅިގެން ދުރާލާ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުން އަބަދުވެސް ފާހަގަކުރެއެވެ.




.jpeg?w=3840&q=75)



