





ރާއްޖޭގެ ރައްޔިތުން ރުޅިގަދަވެގެން ރައީސް ޔާމީން ވެރިކަމުން ބޭލި ދުވަސް މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް، ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މެމްބަރ ފަލާހުގެ ފާޑުކިޔުން ރައީސް ޔާމީނަށް އަމާޒުވެފައި މިވަނީ މިހާރުގެ ސަރުކާރުގައި މުއައްސަސާތައް ހުއްޓިފައިވާ ކަމަށާއި ސަރުކާރުގެ ނާޖާއިޒު ޢަމަލުތައް ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ޕީއެންއެފް އިން 'ފެހި ސިގުނަލް' ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޤައުމުގައި މިހާރު ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަތައް ޖެހިފައިވާ ކަމަށާއި، މިނިވަން މުއައްސަސާތައް ފިނޑިވެފައިވާ ކަމަށެވެ. އަދި ޤާނޫނުއަސާސީން އޭސީސީ އުފެއްދީ މިނިވަންކަމާއެކު ޚިޔާނާތް ބެލުމަށް ނަމަވެސް، މިއަދު އެތަނުގެ ވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކަށް ހަދައި، ބާރު ކަނޑުވާލާފައިވާ ކަމަށާއި މިކަންކަން ހުއްޓުވަން ސިޔާސީ ފަރާތްތަކުން ނުކުންނަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން އެމްޕީ ފަލާހް ކުރެއްވި ޕޯސްޓުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލީ ގޮތާއި، ބެންޗު ބަދަލުކުރި ގޮތާއި، ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭގޮތް ހެދިކަން ވެސް ވަނީ ހަނދާންކޮށްދެއްވާފައެވެ.
މީގެއިތުރުން ކަރަޕްޝަން ހިންގުމުގައި ދުނިޔޭގެ ފެންވަރުގެ ރެކޯޑެއް ރާއްޖޭގައި ހެދީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ހިންގެވި ވެރިކަމުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ފަލާޙް ވިދާޅުވީ، އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ހަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ.
އެގޮތުން ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮތީ "ކޯމާ" އެއްގައި ކަމަށާއި، އެކަން ނުދަންނަ މީހަކު މި ޤައުމުގައި ނޫޅޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، ހެންވޭރު ކޮޅުގައި މިހާރު އަޅަމުންދާ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮން ފައިސާއަކުން އެޅި ތަންތަންތޯ ސުވާލުކުރާ މީހުން މިއަދުވެސް މަދުނޫން ކަމަށް ވިދާޅުވިއެވެ. އަދި ސިންގަޕޫރާއި ދުބާއީގެ ފިކްސްޑް ޑިޕޮޒިޓާއި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޑޮލަރުތަކުގެ މަތިން އަދިވެސް ހަނދާން ނުނެތޭ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، ހުރިހާ މިނިވަން މުއައްސަސާތަކެއް ޕެރަލައިޒްކޮށް، އޭރު ތިބި ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް، ނައިބު ރައީސުންނާއި އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރި ދުވަސްތައް ވެސް ފަލާޙު ވަނީ ރައީސް ޔާމީނަށް ހަނދާންކޮށްދެއްވާފައެވެ.





.jpg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)