
.jpg?w=3840&q=75)

.jpg?w=3840&q=75)





ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލަ އަދިވެސް ޝަރީއަތުގައި ދަނީ ބަލަމުންނެވެ. މިގޮތުން މިމައްސަލާގައި މިއަދުވެސް ވަނީ އަޑުއެހުމެއް ބާއްވާފައެވެ.
މި އަޑު އެހުމުގައި، މި ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާކުރަމުން އަންނަ މައްސަލަތަކުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ، ކުރީގެ ރައީސް ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން ފައިސާ ހޯދުމަށް ހިންގި ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފައެވެ. މިއަދު އޮތީ ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސްއެވެ.
ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ވަކީލް އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ މުޅި ކޮރަޕްޝަން ހިންގާފައިވަނީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޔާމީންގެ ސީދާ އިރުޝާދަށެވެ. އެކަމަށް ބާރު ދެއްވުމުގެ ގޮތުން ޝަފީއު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އަމަލީ ގޮތުން ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޔާމީން ކަމާއި، އޭނާ ކޮރަޕްޝަން ހިންގާ ކަމުގެ މައުލޫމާތު ލިބެމުންދަނިކޮށް ވެސް ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ކަން ހިމެނެއެވެ.
މީގެ އިތުރުން ޝަފީއު ފާހަގަކުރެއްވި ގޮތުގައި، ޓޫރިޒަމަށް ރަށްރަށަށް ކުއްޔަށް ދޫކުރުން ފަދަ މުއާމަލާތްތައް ހިންގުން، ޓޫރިޒަމް އިޝްތިހާރު ކުރަން އުފެއްދި އެމްއެމްޕީއާރްސީގެ ދަށަށް ބަދަލުކުރީ ރައީސް ޔާމީންގެ އިރުޝާދަށެވެ. އަދި ނައިބު ރައީސް ކަމަށް އައްޔަންކުރެއްވުމަށް ފަހު ވެސް ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ ޒިންމާތަކެއް އަދީބާ ހަވާލުކޮށްފައިވަނީ ރައީސް ޔާމީންގެ އެންގެވުމަކަށެވެ. އެ ކަންކަމުގައި ޔާމީން އަދީބަށް އިންތިހާއަށް އިތުބާރު ކުރައްވާފައިވާއިރު، އެ އިތުބާރު ގުޅިފައިވަނީ ފައިސާއާ ކަމަށް ވެސް ޝަފީއު ވަނީ ތުހުމަތުކުރައްވާފައެވެ.
ފުއްގިރި މައްސަލައަކީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގާފައިވާ އެއް މުއާމަލާތް ކަމަށް ޝަފީއު ފާހަގަކުރައްވައި ވިދާޅުވީ، އެކަން ކޮށްފައިވަނީ ރައީސް ޔާމީނަށް ފައިސާ ހޯދުމަށް ކަމަށާއި އެކަމުގައި ޔާމީން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. ފުއްގިރި ކުއްޔަށް ދޫކޮށްފައިވަނީ ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް 1.5 މިލިއަން ޑޮލަރަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، އެ ސަރުކާރުން މަސައްކަތް ކުރަމުންދިޔައީ ފުއްގިރި ކުއްޔަށް ދީގެން ދައުލަތަށް ހަތަރު ލައްކަ ޑޮލަރު ވެއްދުމަށް ފަހު، ބާކީ ބައި ރައީސް ޔާމީނާއި އޭރުގެ ޕީޕީއެމްއަށް ވެއްދުމަށް ކަމަށް ރޭވިގެންނެވެ. ރަސްމީ އަގުގެ ގޮތުގައި ހަތަރު ލައްކަ ޑޮލަރު ދެއްކުމަށް އޮތް ރޭވުން ނާކާމިޔާބުވީ، އެހާ ކުޑަ އަގެއް އޮތުމުން ފަހުން ގާނޫނީ މައްސަލަތަކެއް ނުކުމެދާނެތީ ދުބާއީގެ ކުންފުނިން އެކަމަށް އެއްބަސްނުވުމުން ކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގެ ހެކިވެރިއަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވާ ގޮތުގައި، 1.5 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރި ނަމަވެސް، އެއީ ފަސް މިލިއަން ޑޮލަރުގެ އަގުހުރި ރަށެކެވެ. ރަސްމީ އަގުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު އޮތަސް، ޝަފީއު ވިދާޅުވި ގޮތުގައި އެ މުއާމަލާތުގައި ޔާމީނަށް ލިބުނު ފައިސާއާ އެކު ކުންފުނިން ވަނީ ޖުމްލަ 2.6 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ. މީގެ އިތުރުން، ކުރީގެ ރައީސް ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެ މަނިކުފާނު އޭރު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ވެސް ހެކިވެރިޔަކު ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފައިވެއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޔާމީނަށް ރިޝްވަތު ނަގައިދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ކުރިން ދައުވާކުރި ނަމަވެސް، ދައުލަތުން ވަނީ އެ މައްސަލަ ދޫކޮށްލައިފަ އެވެ. އަދި ޔާމީން ލޯންޑާކުރި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ލޯންޑާކޮށްދިން ކަމުގެ ދައުވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ކުންފުނިތަކުގެ މައްޗަށް ކުރި ނަމަވެސް، އެ ދައުވާތައް ކްރިމިނަލް ކޯޓުގައި ސާބިތެއް ނުވުމުން، ދައުލަތުން ވަނީ އިސްތިއުނާފު ނުކުރަން ނިންމައިފަ އެވެ. މިކަމާ ގުޅިގެން ޔާމީންގެ ފަރާތުން ސުވާލު އުފެއްދީ، ފުއްގިރި މައްސަލައިގެ ތުހުމަތުވި އެހެން އެންމެންގެ މައްސަލަ ދޫކޮށްލުމަށް ފަހު، ހަމައެކަނި ޔާމީންގެ މައްސަލަ ދައުލަތުން ކުރިއަށް ގެންދާތީއެވެ.
އެކަމަށް ރައްދު ދެއްވަމުން ވަކީލް ޝަފީއު މިއަދު ވިދާޅުވީ، ޔާމީނާ އެއް ހާލަތެއްގައި ހުރި މީހަކު މި މައްސަލައިގައި ނެތް ކަމަށާއި ބޭއިންސާފަކަށްވީހީ އެއް ހާލަތެއްގައި ތިބި ދެ މީހަކަށް އެއް ހަމައަކުން އަމަލުނުކުރި ނަމަ ކަމަށެވެ. ޝަފީއު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެ މަގާމުގެ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކޮރަޕްޝަނަކަށް ނުފޫޒު ފޯރުވުމަށް ފައިސާ ލިބުމަކީ ވެސް އެހެން މީހުންނާ އާދަޔާ ހިލާފު ބޮޑު ފަރަގެއް އޮތް ކަމެއް ކަމަށެވެ.
ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންނަތާ އެތައް ދުވަހެއްވެފައިވާއިރު، މިއަދު ވަނީ މައްސަލަ ނިމުމަކާ ހަމައަށް އައިސްފަ އެވެ. އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭ ހުކުމް އިއްވަން ޖެހެ އެވެ. މި މައްސަލައިގެ ހުކުމް އަންނަނީ ދިވެހިރާއްޖޭގެ ގިނަ ބަޔަކު ވަރަށް ގާތުން ބަލަމުންނެވެ. އެއީ، މި ބޮޑު ހިޔާނާތުގެ މައްސަލައިގައި ދެވޭ ނިންމުމަކީ ގައުމުގެ ހަރުދަނާ އިންސާފުގެ ނިޒާމެއް ގާއިމުކުރުމަށް ވަރަށް މުހިންމު ކަމަކަށް ވާތީއެވެ.
މި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ބާތިލްކޮށް ހައި ކޯޓުން އަލުން ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ. މިފަދަ ބޮޑެތި ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގާއި ޝަރީއަތްތައް ކުރިއަށްދަނީ، ދައުލަތުގެ މާލީ އިދާރާތަކާއި ގާނޫނީ ނިޒާމު ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގަ އެވެ. މިފަދަ މައްސަލަތަކުން ދައްކައިދެނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގޭ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތުގެ މުހިންމުކަމެވެ.

.jpg?w=3840&q=75)

.jpg?w=3840&q=75)
