


.jpeg?w=3840&q=75)





ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ހޯދައި، އެ ބޭންކުގެ ތާރީޚުގައި ނުވަ މަހުގެ މުއްދަތެއްގައި ލިބުނު އެންމެ ބޮޑު ފައިދާގެ ރެކޯޑު ހަދައިފިއެވެ.
އެ ބޭންކުން ބުނީ މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެސް ބުނެއެވެ.
ބީއެމްއެލް އިން ބުނީ ނިމުނު ތިންވަނަ ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އިންޓަރެސްޓް ނޫން ގޮތްގޮތުން 377.53 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ބޮޑު ކުރިއެރުމެއް ލިބުނީ އިޤްތިޞާދީ މުހިންމު ދާއިރާތަކަށް ދޫކުރި ލޯނުތައް އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމުގެ އިތުރުން ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމާ ގުޅިގެން ކަމުގައި ފާހަގަކުރިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2026 ވަނަ އަހަރަކީ ބޭންކުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުންގެ އިތުބާރުގެ ސަބަބުން ބެލެންސް ޝީޓް އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރެއްވިއެވެ.
މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ބީއެމްއެލްގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ވަނީ 38 އިންސައްތައިގައި ހިފެހެއްޓިފައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ 12 އިންސައްތައަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މީގެއިތުރުން، ބޭންކުގެ ޖުމްލަ އެސެޓްސް 65.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ޕާފޯމިންގ ލޯނު (ސްޓޭޖް 3) ރޭޝިއޯ ވަނީ 4.8 އިންސައްތައަށް ދަށްކުރެވިފައެވެ.







.jpeg?w=3840&q=75)
