







ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު އިތުރު ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މި މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ދިރިއުޅެމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 426 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 13 ބިދޭސީއަކު ފާހަގަކުރެވި، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ބުނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކުގެ ފިންގަރޕްރިންޓާއި ބައޮމެޓްރިކް މައުލޫމާތު އެއްކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހު ވަނީ މާލެ ސަރަހައްދުގައި ފަށާފައެވެ.
މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ވެސް ގާނޫނާއި ގަވާއިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވައި ދިވެހި ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ ހާއްސަ އިންސްޕެކްޝަންތަކާއި ރެއިޑް އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.







