







އަކްޝޭ ކުމާރު، އާރް މާދަވަން، ދިޝާ ޕަޓާނީ އަދި ޝްރިޔާ ސަރަން
ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ޑުއޯ ކަމަށްވާ އަކްޝޭ ކުމާރާއި ޑައިރެކްޓަރ ސާޖިދު ޚާންގެ އާ ފިލްމުގެ ކާސްޓާ މަޝްހޫރު އިތުރު ތަރިންތަކެއް ގުޅިއްޖެއެވެ.
މި އާ ކޮމެޑީ ފިލްމުގެ މުހިންމު ރޯލުތަކަށް މިހާރު ވަނީ ކުޅަދާނަ އެކްޓަރ އާރް މާދަވަން، ދިޝާ ޕަޓާނީ އަދި ޝްރިޔާ ސަރަން ހަމަޖައްސާފައެވެ.
އަކްޝޭ އާއި ސާޖިދު ޚާން އެކުގައި ވަނީ މީގެ ކުރިން "ހައުސްފުލް" ފްރެންޗައިޒްގެ ފިލްމުތަކާއި "ހޭ ބޭބީ" ފަދަ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާމިޔާބު ކޮމެޑީ ފިލްމުތަކެއް ގެނެސްދީފައެވެ.
ގިނަ ތަރިންތަކެއް ފެނިގެންދާ މި އާ ފިލްމާއެކު، ބެލުންތެރިންނަށް ހެއްވާލާނެ ވަރަށް ގިނަ މަންޒަރުތަށް ފެނިގެންދާނެކަމަށް ބެލެވެއެވެ.
މާދަވަން ފަދަ މޮޅު އަދި ސީރިއަސް ރޯލުތަކަށް މަޝްހޫރު އެކްޓަރަކު އަކްޝޭ އާއެކު މިފަދަ ކޮމެޑީ ރޯލަކުން ފެނިގެންދިއުމަކީ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ސަޕްރައިޒަކަށް ވާނެއެވެ. އަދި ދިޝާ އާއި ޝްރިޔާގެ ހުނަރު މި ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަން ޔަގީނެވެ.
ފިލްމުގެ ޝޫޓިންގ ފަށާނެ ތާރީޚެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.







