







...
ބައިނަލްއަގުވަމީ އެކުވެރިކަމުގެ މެޗެއްގައި މިއަދު އަމިއްލަ ދަނޑުގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗު ދެވަނަ ހާފުގަައި ކާމިޔާބުކުރި ލަނޑުތަކާއެކު 3-0 ގެ ނަތީޖާއަކުން ޗައިނާ އިން ކާމިޔާބުކޮށްފިއެވެ.
މިދެޓީމު މީގެ ކުރިން ކުޅުނު ހަ މެޗުވެސް ޗައިނާ އިން ކާމިޔާބުކޮށްފައިވާއިރު، 2001 ވަނަ އަހަރު ޗައިނާގައި ކުޅުނު މެޗުގައި އެޓީމުން ވަނީ ރާއްޖެ ކޮޅަށް 10 ލަނޑުޖަހާފައެވެ. ނަމަވެސް މާލޭގައި ކުޅުނު ދެވަނަ މެޗުގައި ދިވެހި ޓީމު އަތުން ޗައިނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން 2021 ވަނަ އަހަރު ވާދަކުރި މެޗު ޗައިނާ އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.
ޗައިނާގެ ލޯންގްޒިން ފުޓްބޯޅަ ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޗައިނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދިވެހި ޓީމުން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކަދީފައެެވެ.
އެގޮތުން ފުރަތަމަ ހާފުގައި ޗައިނާ އިން ރާއްޖޭގެ ގޯލަށް ފޮނުވާލި ނުވަ ހަމަލާގެ ތެރެއިން ގޯލާއި އަމާޒުވެފައިވަނީ އެންމެ ދެ ހަމަލާއެެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ޗައިނާ އިން ފެށީ ނުވަ ބަދަލާއެކުގައެވެ. އަދި މިހާފުގައި ޗައިނާއިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 50 ވަނަ މިނެޓުގައި ޒިމިން ވަންގް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި އޭގެ ހަ މިނެޓް ފަހުން ވަންގް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ
ޒިމިން ވަންގް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައެވެ. މީގެ އިތުރުން ވެސް މިހާފުގައި ޗައިނާ އިން ރާއްޖޭގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
ނަމަވެސް، މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް ވަނީ މެޗުގެ ބާކީބައިގައި ބައިކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. އެގޮތުން މިމެޗުގައި ޗައިނާ އިން ރާއްޖޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލި 10 ހަމަލާގެ ތެރެއިން ހަތް ހަމަލާއެއް ހުސެން ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.
މިއަހަރުގެ ނޮވެމްބަރު މަހު އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެ އިން އިތުރު ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޮކްޓޯބަރު ފުރަތަމަ ދުވަހު ލެބެނާން އާއި ދެކޮޅަށް ކުޅުމަށްފަހު އޭގެ ތިން ދުވަސް ފަހުން ރާއްޖެ އިން ނުކުންނާނީ ކިރިގިސްތާނާއި ދެކޮޅަށެވެ.







