







ކުލަބު ކުލާސްޓާ އާއި ފާއޮޅޭ ވާދަކުރި މެޗުގެ ތެރެއިން..
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުލަބު ކްލާސްޓާ އާއި ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީގައި 5-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފާއޮޅޭ އެފްސީ އިން ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ފާއޮޅޭ އެފްސީ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ކުލަބު ކްލާސްޓާ ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަަހައި ކުރިހޯދީ ކުލަބު ކްލާސްޓާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާހިދު އަލީ އެވެ.
ފާއޮޅޭ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ރީހާން އިބްރާހިމް ކާމިޔާބުކުރިއިރު، އޭގެ ފަސް މިނެޓު ފަހުން ރައުހާން ރިފްއަތު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފާއޮޅޭ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ކުލަބު ކުލާސްޓާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ހަމަޒާ އަބޫބަކުރު އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފާއޮޅޭ އެފްސީގެ ފަސް ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރިއިރު، ކުލަބު ކްލާސްޓާގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާއޮޅޭ އެފްސީގެ ރީހާން އިބްރާހިމް އެވެ.
11 ސެޕްޓެމްބަރު 2026 އިން 21 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ








