







ޗައިނާގެ "ގްލޯބަލް އިނީޝިއޭޓިވްސް" ގެ ތެރެއިންނާއި ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެން، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކޮށް، ފުޅާކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 77 ވަނަ ޤައުމީ ދުވަހާއި އެ ޤައުމުގެ ސަގާފީ "މިޑް-އޯޓަމް ފެސްޓިވަލް" ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ ދެފަރާތުގެ އިޙުތިރާމާއި، ސިޔާދަތީ ހަމަހަމަކަމުގެ އިތުރުން ސުލްޙަވެރިކަމާއެކު އެކުގައި އުޅުމުގެ މަތިވެރި އަސާސްތަކުގެ މައްޗަށެވެ. އަދި ރާއްޖެއިން އަބަދުވެސް "ވަން ޗައިނާ ޕޮލިސީ" އަށް ފުރިހަމައަށް އިޙުތިރާމްކޮށް ތާއީދުކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު، ދެ ޤައުމުގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެ އައު އުސްމިންތަކަކަށް ވާސިލުވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން، ޒަމާނީ އުމްރާނީ ތަރައްޤީއާއި ރަށްރަށުގެ ދެމެހެއްޓެނިވި މަޝްރޫޢުތަކާއި، ތަޢުލީމީ އަދި ފަންނީ ތަމްރީނުތަކުގެ ދާއިރާއިން ޗައިނާއިން ވެދެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ވަނީ ފާހަގަކުރައްވާފައެވެ.
ޚާއްޞަކޮށް، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން، ދާދިފަހުން ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) ސަބަބުން އިޤްތިޞާދީ ގޮތުން ހުޅުވިގެންދިޔަ ފުރުޞަތުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅު ނިންމަވާލައްވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވައި، ޗައިނާއަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.







