








-
ރާއްޖެއަށް ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ޓުއަރ އޮޕަރޭޓަރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކުރަން ލާޒިމުކުރުމުގެ ސަބަބުން، ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ނާރެސް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީރާގެ މި ޝަރުޠަކީ ބައިނަލްއަޤްވާމީ ޓެކްސް އުޞޫލުތަކާ ޚިލާފަށް ބޭރުގެ ފަރާތްތަކަށް ބޮޑެތި ރެގިއުލޭޓަރީ ބުރަތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގެ ޗުއްޓީ ވިއްކާ އަދި ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް އޮޕަރޭޓަރުން، ޓެކްސް އޭޖެންޓުންގެ ގޮތުގައި މަސައްކަތްކޮށް، މަހުން މަހަށް ރިޓާން ހުށަހަޅަން ޖެއްސުމަކީ ޖީއެސްޓީ ޤާނޫނުގެ ދާއިރާއިން ބޭރުން ކުރާ ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
އަދި މިއީ އޯ.އީ.ސީ.ޑީ ގެ އުޞޫލުތަކާއި، ބޯޑަރު ހުރަސްކޮށް ޚިދުމަތް ދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ ޑަބްލިއުޓީއޯގެ "ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސަރވިސަސް" (ގެޓްސް) އާވެސް ޚިލާފު ވިޔަފާރީގެ ހުރަހެއް ކަމަށް ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ބޭރުގެ އޮޕަރޭޓަރުން އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ޔޫރަޕިއަން ކޮމިޝަނަށް ލޮބީކޮށްގެން ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާ (ޑަބްލިއުޓީއޯ) އަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އެބައޮތެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއިން ސްވިފްޓް ފައިނޭންޝަލް ނެޓްވަރކް ބޭނުންކުރުން ހަނިކޮށްފިނަމަ ނުވަތަ ސަސްޕެންޑް ކޮށްފިނަމަ، މުޅި ރާއްޖޭގެ މާލީ ނިޒާމު ހުއްޓި އިޤްތިޞާދު އެއްކޮށް ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މީގެއިތުރުން، މި ފިޔަވަޅުގެ ފަހަތުގައި ސަރުކާރުގެ ފިކުރީ އެޖެންޑާއެއް ވާކަމަށް ތުހުމަތުކުރަމުން އެމްޑީޕީން ބުނީ، މިހާރުގެ ސަރުކާރުން ރާއްޖޭގެ މައިގަނޑު ފަތުރުވެރިކަމަކީ "ޙަރާމް" ކަމެއްގެ ގޮތުގައި ދެކި، ހަމައެކަނި "ޙަލާލް ޓޫރިޒަމް" ޕްރޮމޯޓްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންކަމުން، މިއީ ހަމައެކަނި ޓެކްސް ހޯދުމުގެ ފިޔަވަޅެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ސަޤާފީ ފަތުރުވެރިކަމުގެ މޮޑެލް ބަދަލުކޮށް، ބައިނަލްއަޤްވާމީ ވިޔަފާރިތަކަށް ގެއްލުންދީގެން މުޅި ސިނާޢަތު ފުނޑާލަން ގަސްތުގައި ހިންގާ ސިޔާސީ މަޝްރޫޢެއްގެ ބައެއް ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ދެކޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.








