








އޭޝިއަން ގޭމްސްގައި އިންޑިއާ ތަމްސީލުކުރަމުންދާ މަޝްހޫރު އެކްޓަރު އާރް. މާދަވަންގެ ދަރިފުޅު، ފެތުންތެރިޔާ ވެދާންތު މާދަވަން.
ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި އިންޑިއާ ތަމްސީލުކުރަމުންދާ ފެތުންތެރިޔާ އަދި މަޝްހޫރު އެކްޓަރު އާރް. މާދަވަންގެ ދަރިފުޅު ވެދާންތު މާދަވަން، އޭނާގެ ބައްޕަގެ މަޝްހޫރު ނަމުގެ ފަހަތުގައިވާ އޭނާގެ އަމިއްލަ ދިރިއުޅުމާއި އައިޑެންޓިޓީއާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެދާންތު ބުނީ އޭނާގެ އަމާޒަކީ ހަމައެކަނި ނޫސްތަކުގެ ސުރުޚީތަކަށް އެރުން ނޫން ކަމަށާއި، ފެތުންތެރިއެއްގެ ގޮތުގައި އަމިއްލަ ނަފްސަށާއި ގައުމަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދިނުން ކަމަށެވެ.
މާދަވަންގެ ދަރިއަކަށް ވުމުން އާންމުންގެ ފަރާތުން އަންނަ ޕްރެޝަރު ބޮޑުކަން ފާހަގަކުރަމުން ވެދާންތު ބުނީ، އެކަމާ މާބޮޑަށް ނުވިސްނާ ކަމަށެވެ.
ފެތުމަށް ފެށުމަށްފަހު، އޭނާގެ މުޅި ފޯކަސް ހުންނަނީ ހަމައެކަނި އެކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ކުޅިވަރުގައި ކާމިޔާބު ހޯދަން ބޭނުންނަމަ އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި، ކޮންމެވެސް ވަރެއްގެ "އީގޯ" އެއް ގެންގުޅުން މުހިންމު ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އޭޝިއަން ގޭމްސްގައި ވެދާންތު އެންމެ ފުރަތަމަ ވާދަކުރީ ފިރިހެނުންގެ 4x200 މީޓަރު ފްރީސްޓައިލް ރިލޭގައެވެ. އެ އިވެންޓުގެ ފައިނަލުން އޭނާއަށް ޖާގަ ގެއްލުނީ އެންމެ 0.2 ސިކުންތުގެ ކުޑަ ތަފާތަކުންނެވެ. އޭގެ ފަހުން ވެދާންތު ވަނީ 200 މީޓަރު ފްރީސްޓައިލް އިވެންޓުގައިވެސް ވާދަކޮށްފައެވެ. ނަމަވެސް 1:52.01 އިން ރޭސް ނިންމައިގެން 13 ވަނަ ލިބުމުން، އެ އިވެންޓުގެ ފައިނަލުންވެސް އޭނާއަށް ވަނީ ޖާގަ ގެއްލިފައެވެ.
މި ދެ ނާކާމިޔާބީއަށްފަހު، މި މުބާރާތުގައި ވެދާންތު ދެން ވާދަކުރަން ބާކީ އޮތީ ސެޕްޓެމްބަރު 25 ގައި އޮންނަ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައެވެ.






.jpg?w=3840&q=75)

