
-
ކ. ހިންމަފުށީގައި އަލަށް އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ވެގެންދާނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ، ފެންވަރު ރަނގަޅު ފަރުވާ ލިބިގެންދާނެ މުހިންމު ތަނަކަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހިންމަފުށީގައި އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޑްރަގުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރީގެ ސަރުކާރުތަކުންވެސް ކޮށްފައިވީ ނަމަވެސް، މި މައްސަލަ ރާއްޖޭގައި ފެތުރިފައިވާ މިންވަރާ އަޅާބަލާއިރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. އަދި އާންމު ރައްޔިތުން ޚިދުމަތަށް އެދޭ މިންވަރަށް ބަލާއިރު ދައުލަތުން މިހާތަނަށް މި ޚިދުމަތް ފޯރުކޮށްދެވެމުން ދިޔައީ ފަޚުރުވެރިވާ މިންވަރަކަށް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ހިންމަފުށީގައި މިހާރު ހުރި އިމާރާތަކީ 174 މީހުންގެ ޖާގައިގެ ތަނަކަށް ވިޔަސް، އިމާރާތް ބައުވެ ވީރާނާވެފައިވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާ ދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ. އެހެންކަމުން އަލަށް ޤާއިމުކުރާ ފެސިލިޓީ ވެގެންދާނީ ފަރުވާގެ ކަންކަމުގައި އޮތް ބޮޑު ހުސްކަން ފުރާލަދޭނެ ތަނަކަށެވެ.
"ޓެކްނިކަލް ފަރުވާ ދެމުން އަދި ފަރުވާ ނިމިގެންދާއިރު މި ފެސިލިޓީއަށް އަލުން އަނބުރާ ނާންނާނެ ކަމަށް އަޅުގަނޑުމެންނަށްވެސް ޔަޤީންކުރެވޭ ވަރަށް ފަރުވާ ދެވިފަ މިތަނުން ނެރޭ ބަޔަކަށް ހެދުމަށްޓަކައި އެ ވަރުގެ ފެސިލިޓީއެއް މިތާ މި ޤާއިމްކުރަނީ. މަސްތުވާތަކެތި ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާ. މި ވިއުގަ އެކުލަވާލީ ރައީސްގެ ސީދާ އިންސްޓްރަކްޝަނާއެކު،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މުހިންމު ބައެއް ތަފްޞީލުތައް:
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ޙަސަން ފާއިޒާއި ކައުންސިލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.















