
.jpeg?w=3840&q=75)







އާލު އެސްސީ އާއި ކަންމަތި ވާދަކުރި މެޗުގެ ތެރެއިން...
ހދ. ނޮޅިވަރަމްގައި މިހާރު ކުރިއަށްދާ ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް ކަޕް 2026 ގެ ގުރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން އާލު ސްޕޯޓްސް ކުލަބު ބަލިކޮށް ކަންމަތި ސްޕޯޓްސް ކުލަބުން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ކަންމަތިން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އާލު އެސްސީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އެގޮތުން މިމެޗުގައި ކަންމަތި ސްޕޯޓްސް ކުލަބުގެ އަހުމަދު ރަޝީދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހުސެއިން އީސާ އަދި ޔަމީން މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި މުހައްމަދު އަސްލަމް އަދި އަބްދުލް ސަމީއު ޚަލީލް މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަންމަތި ސްޕޯޓްސް ކުލަބުގެ ޔަމީން މުހައްމަދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކަންމަތި ސްޕޯޓްސް ކުލަބު ސެމީފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި އާލު އެސްސީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުން ހޯދި ދެޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕް ބީގެ ތިންވަނައިގައި އޮވެއެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ

.jpeg?w=3840&q=75)


