








ބެލިސްސިމޯ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..ފޮޓޯ: ގާފު ސްޕޯޓްސް
ޑީސައިންގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ، މިއަހަރުގެ ހުރާ ކައުންސިލް ފުޓްބޯޅަ މުބާރާތް " ހުރާ ކައުންސިލް ކަޕް 2026" ގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ބެލިސްސިމޯ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބެލިސްސިމޯ ސްޕޯޓްސް ކުލަބު ހޯދީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފައިނަލުގައި ޓީމު ފޯޓީޓޫ 3-0 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު އެވެ.
10 ސެޕްޓެމްބަރު 2026 އިން 19 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ ހަތަރު ޓީމު ވާދަކުރިއިރު،މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ހަަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރުކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަވެ.
އެގޮތުން ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ބެލިސްސިމޯ ސްޕޯޓްސް ކުލަބު ފައިނަލުން ޖާގަ ހޯދިއިރު، ފޯޓީޓޫ ފައިނަލުން ޖާގަ ހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ލީގު ބުރުގެ ދެވަނަ ޓީމުގެގޮތުގައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެލިސްސިމޯ ސްޕޯޓްސް ކުލަބުން ނެވެ.
މުޅި މެޗުގައި ވެސް ބެލިސްސިމޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަރިޔަމް ރަފާ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބެލިސްސިމޯ އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބެލިސްސިމޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބެލިސްސިމޯ އިން ވަނީ ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ރަފާ އެވެ.
އެގޮތުން ބެލިސްސިމޯ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 23 ވަނަ މިނެޓިގައި ރަފާ ކާމިޔާބުކުރިއިރު، މިމެޗުގައި ރަފާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބެލިސްސިމޯ ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.








