






ސަރުކާރުގެ ތިން މިނިސްޓްރީގައި ރޯވެފައިވަނީ މީހަކު ގަސްދުގައި ކުރިކަމެއްގެ ސަބަބުން ނޫން ކަމަށާއި އެއީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގާދިޔަ ހާދިސާއެއް ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެދުވަހުގެ ފަތިހު 05:33 އިން ފެށިގެން 07:17 އާއި ދެމެދުގެ ވީޑިއޯ ފޫޓޭޖާއި ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ހައުންސިންގ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހުންނަ ދެއިމާރާތުގެ ދޭތެރެއިން ހައުސިންގ މިނިސްޓްރީގައި ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނިފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސެކިއުރިޓީއަށެވެ. އަދި ސެކިއުރިޓީ އޮފިސަރަށް ގުޅަންވީ އިދާރާއެއް ނޭނގޭތީ މަގުމަތިން ފެނުނު އެމްއެންޑީއެފްގެ އޮފް ޑިއުޓީގައި ހުރި އޮފިސަރެއް ހުއްޓުވާ އެކަން ހިއްސާކުރުމުން އެއޮފިސަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއަށް އަންގާ ދެއިމާރަތް ދޭތެރެއިން ފެނުނު އަލިފާން ނިއްވާލާފައިވާކަން ފުލުހުންގެ ވީޑިއޯއިން ފެނެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް 06:17 ހާއިރު ގުޅާފައިވާއިރު ފަޔަރ ފައިޓަރުން ސީންއަށް 06:35 ގައި އައިސްފައިވާކަން ވީޑިއޯއިން ފެނެއެވެ. އިމާރާތުގައި އަލިފާން ރޯވެފައިވާތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް ހައުސިންގ މިނިސްޓްރީގެ ތިރީ ފަންގިފިލާގެ ސީލިން އަދި ފުރަތަމަ ފަންގިފިލާގެ ޑެކުގައި ރޯވެފައި ހުރިތަން ފެނުމުން ނިއްވާލާ މަންޒަރުވެސްވަނީ ފެނިފައެވެ.
ފުލުހުންވަނީ މިހާދިސާގައި އަލިފާން ރޯވެފައި ހުރިތަން ހޯދުމަށް އެންމެ ދަތިވީ އިމާރާތުގެ ކަރަންޓު ވަޔަރިންގެ މަސައްކަތްކޮށްފައިވާ ގޮތުން ވަރަށް ދަތިކޮށް، ނަރުތައް އަޅާފައި ހުރުމުންކަންވަނީ ފާހަގަކޮށްފައެވެ. އަދި ނަރުތަކުގެ ފޮރެންސިކް ތަހުލީލުތަކުން ގިނަ މައްސަލަތަކެއް އޭގައި ހުރިކަން ފާހަގަވެފައިވާއިރު، އެއިމާރާތުގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓު މައްސަލަ ހުރިކަން ތަހުގީގުގައި މުވައްޒަފުން ހާމަކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގެ ތަޙްގީގުގައި 14 ކެމެރާއަކުން 676 ގަޑިއިރުގެ ފުޓޭޖް އެނަލައިޒްކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ އަލިފާން ރޯވި ދުވަހުގެ ކުރީ ރޭ އެއޮފީސް ބަންދުކުރުމާއި އަނެއް ދުވަހު އޮފީހުގެ މުވައްޒަފުން އޮފީހަށް އައުމާ ދެމެދު އިތުރު އެއްވެސް ފަރާތަކުން އެއިމާރާތަށް ވަދެފައިނުވާކަން ތަހްގީގުން އެނގިފައިވާކަމަށެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެގެ 12 ވަނަ ދުވަހު ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އެއްކޮށް އަނދައިގެން ދިޔަ ހާދިސާގައި އިންޝުއަރެންސްކޮށްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އިމާރާތް އެކަނިކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި 3 ގެއެއްގެ 9 އެޕާޓްމަންޓަކަށާއި 2 ފިހާރައަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.






.jpg?w=3840&q=75)