
-1790261966339.jpeg?w=3840&q=75)







-
ވައިގެމަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ސިޓީގެ އެއާޕޯޓު ތެރެއިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ: ޢަބްދުﷲ މުޙައްމަދު (57އ)، ކިނާރާ / ޏ. ފުވައްމުލައް (މިސްކިތްމަގު އަވަށު) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޢަބްދުﷲ މުޙައްމަދު ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅުތަކެއް ވަނީ ފެނިފައެވެ. ފުލުހުން ބުނީ މި ތަކެތީގެ ވަގުތީ ބަރުދަނުގައި 68 ގްރާމް ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

-1790261966339.jpeg?w=3840&q=75)






