







ވ.ފުލިދޫ
ވ.ފުލިދޫގައި މޫދު ކުލާހުގައި ހަރަކާތްތެރިވި އަންހެނަކު ހާލުދެރަވެގެން ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އޭނާ އިއްޔެ ހަވީރު 16:30 ކަންހާއިރު، ފުލިދޫ ޕޮލިހާއި ވ.އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ މޫދު ކުލާހެއްގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ ވަގުތު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް ހެލްތް ސެންޓަރުގައި ފަރުވާދެމުންދަނިކޮށް، 18:14 ހާއިރު އެމީހާ ނިޔާވެފައިވާކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.







