
މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ މަތިވެރި ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތްކަން ހަނދާންކޮށްދީ، ދުނިޔޭގެ މާއްދީ ފަސޭހަތަކާއި ޒީނަތްތެރިކަމަށް ހެއްލި އުޚުރަވީ ޙަޔާތް ވިއްކައިނުލުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭޙަތްތެރިވެއްޖެއެވެ.
"އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މަޢުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވަނީ، ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ އެންމެހައި އަޅުކަންތަކާއި، ހެޔޮ ޢަމަލުތަކުގެ އިތުރުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ މައިގަނޑު ބިންގާ ކަމަށެވެ. އަދި މި ޒަމާނުގައި މާއްދީ ގޮތުން ދިރިއުޅުން ކިތަންމެ ފަސޭހަވެފައިވީ ނަމަވެސް، މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި، ހިތާމައާއި އެކަނިވެރިކަމުގެ ބިރުވެރިކަން އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
މީގެއިތުރުން، އިންސާނުންނަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދެއްގައި މާތް ﷲ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވި ކަމަށާއި، ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެ ބޭކަލުންނަށްކަން ޚުޠުބާގައި ފާހަގަކުރިއެވެ. ޚާއްޞަކޮށް ކައު އިތުރު ރަސޫލާ مُحَمَّدٌ z ތަޙައްމަލު ކުރެއްވި ދަތިތަކާއި އުނދަގޫތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކޮންމެފަދަ ޙާލަތެއްގައިވެސް ކެތްތެރިކަމާއެކު ސާބިތުވެ ތިބުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.
ހަމައެއާއެކު، ބޭރުފުށް ރީތިކުރުމަށް އަހަރެމެން ގަދައަޅައި މަސައްކަތްކުރާ ފަދައިން، ހިތުގެ ޙާލަތު ރަނގަޅުކޮށް އެތެރެފުށް އިޞްލާޙުކުރުމަކީ ކާމިޔާބީގެ ފެށުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ފޯނުގެ ބެޓެރި ދަށްވުމުން އެ ނިވިދާނެތީ އަވަސްއަވަހަށް ޗާޖުކުރަން ދުވާ ފަދައިން، މާތް ﷲ ދެއްވާފައިވާ އެންމެ އަގުހުރި އީމާންކަމުގެ ނިޢުމަތް ބީވެގެން ހިނގައިދާނެތީ ފަރުވާތެރިވެ ވިސްނައިލިންތޯ ސުވާލު އުފެއްދިއެވެ. މީގެއިތުރުން އިސްލާމީ ޢަޤީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވަމުން އަންނަ އާދަކާދައެއް ފަދަ އެއްޗެއްގެ ގޮތުގައި ދޫކޮށްނުލައި، އެއީ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއްކަންވެސް ހަނދާންކޮށްދިނެވެ.
ޚުޠުބާ ނިންމާލައްވަމުން ވަނީ، ދީނާ ބީރައްޓެހި ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވެ، ޞައްޙަ ޢަޤީދާ އުނގެނި ދަސްކުރުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔެވީ މުދަލާއި ދަރިންގެ މުސްތަޤުބަލަށްޓަކައި ދެދުނިޔޭގެ މަސައްކަތް ކުރާ ބީދައިން، ދާއިމީ ބާއްޖަވެރިކަން ލިބެން އޮތް އާޚިރަތުގެ ކާމިޔާބީއަށްޓަކައި ސާފު ހިތަކާއެކު ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ.

-1790261966339.jpeg?w=3840&q=75)




-1790261966339.jpeg?w=3840&q=75)









