



.jpg?w=3840&q=75)




-
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުމުގެ އުންމީދީ އައު ބާބެއް ފެށެމުންދާ ކަމަށާއި، ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުމާއި، ވުނަކުރުމާއި (އިންވެސްޓްމަންޓް) އަދި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް މުހިންމު ފުރުޞަތުތަކެއް ފަހިވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ޙަފްލާއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީއެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިސްލާމީ އުޚުއްވަތްތެރިކަމާއި އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީން އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ދިން އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ޒަޢާމަތުގައި އެ ޤައުމުން ހޯދަމުންދާ ޢުމްރާނީ، އިޤްތިޞާދީ އަދި ޒަމާނީ ކުރިއެރުންތަކަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް:
މި ޙަފްލާގައި ސަޢޫދީ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ. އަދި ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަމާއި ސަޢޫދީގެ މުސްތަޤުބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ. ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް މިއަހަރު ފާހަގަކުރަމުންދަނީ "އަވަރ ޕްރައިޑް އިޒް އިން އަވަރ ނޭޗަރ" މި ޝިޢާރުގެ ދަށުންނެވެ.








.jpg?w=3840&q=75)