








ޑރ. މުހައްމަދު އަލީ
25 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކި ދާއިރާތަކުގައި ހިދުމަތްކުރެއްވި ޑރ. މުހައްމަަދު އަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވައި، 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި، ޑރ މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ.
ރައީސް ވިދާޅުވީ މަރްހޫމް ޑރ. މުހައްމަދު އަލީއަކީ އިޖްތިމާއީ އެކި ކަންކަމުގައި ވަކިން ހާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމައުއަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. އަދި އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ.މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމާއި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ރައީސް ވަނީ ދުއާދަންނަވާފަ އެވެ.








