
ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅާލުމަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަކުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް މިހެން ވިދާޅުވީ "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
މެޑަމްގެ ވާހަކައިގާ ނިއުނޯނޭޓަލް ކެއަރގެ ޚިދުމަތް ފެށިގެން އައިރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރައްވާ ވިދާޅުވީ އެހެންނަމަވެސް މުހިންމު ކުރިއެރުންތަކެއް މިދާއިރާއިން ހޯދާފައިވާކަމަށެވެ. އަދި ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅާލުމާއެކު ދެވޭ ހިތްވަރަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކޮންމެ ތަނެއްގައި އުފަންވާ ކުއްޖަކަށްވެސް އެކުއްޖާއަށް ބޭނުންވާ ފުރިހަމަ ސިއްޙީ ޚިދުމަތާއި ރައްކާތެރިކަން ލިބިދޭންޖެހޭކަމަށާއި އެ ޚިދުމަތްތައް ފޯރުކޮށްދެވޭނީ އެކަމަށް ބޭނުންވާ ސިއްޙީ ސާމާނާއި އެކަމަށް ތަމްރީންވެފައިތިބި ސިއްޙީ ޚިދުމަތްތެރިންވެސް ލިބިގެންކަމަށް ވިދާޅުވިއެވެ. އަދި އެ ދާއިރާއަށް ޚާއްސަ ފެސިލިޓީއާއި ޒަމާނީ އިކުއިޕްމަންޓްތަކާއި، މެޑިކަލް ޓެކްނޮލޮޖީތައް ހޯދުމަށް އިންވެސްޓްކުރަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
މެޑަމް ވިދާޅުވީ އެ ސާމާނުތައް ހޯދުމުގެ އިތުރަށް އެދާއިރާއަށް ޚާއްސަ މީހުން ބިނާކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އެހެންކަމުން ނިއުނޯނޭޓަލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތަމްރީންތައް ބޭނުންވާކަމަށާއި އެކަމަށް ޚާއްސަ ތަޢުލީމާއި، މެންޓަރޝިޕްގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންނަށް އެކަކު އަނެކަކުގެ ކިބައިން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންވާކަމަށް ވިދާޅުވިއެވެ.












