








އަންނަ އަހަރުގެ ނިޔަލަށް 154 ޕޮލިސް ސްޓޭޝަން ނިންމައި، ހުޅުވުމަކީ އަމާޒު ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު މިހެން ވިދާޅުވީ ގާފަރަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
ގާފަރުގައި މިހާރު އިމާރާތް ކުރަމުން އަންނަ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރައްވާ ސީޕީ ވަނީ ރަށްރަށުގައި ގާއިމުކުރާ 154 ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން މަސައްކަތް މަޑުޖެހިފައިވާ ތަންތަން ދައުލަތުގެ ކުންފުނިތަކާ ހަވާލުކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ ގާފަރު ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިމުމުން، އެ ސްޓޭޝަންގެ ފެންވަރާ އެއްވަރަށް އެ ރަށުގައި މަސައްކަތް ކުރާ ފުލުހުންގެ އަދަދު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް ދިމާވާ ކަންކަން ފުލުހުންގެ ލީޑަރޝިޕުން ވަރަށް ގާތުން މޮނިޓާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ކޮމިޝަނަރު ވިދާޅުވީ، ސްޓޭޝަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަކީ ލީޑަރޝިޕުން ޒިޔާރަތް ކުރުމުގައި ބަލާ މިންގަނޑެއް ނޫން ކަމަށެވެ.
މާލޭގައި ތިއްބެވި ނަމަވެސް، އަތޮޅުތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ކޮންމެ ދުވަހަކު ވެސް ގާތުން ބައްލަވައި، ސީދާ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ކަންކަމުގެ ތެރެއަށް ވެދެވަޑައިގެން އޮޅުންފިލުއްވަމުން ގެންދަވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.




