








ދިވެހި ތާރީޚު ނުދެކޭފަދަ ބިޔަ ބޮޑު މަޝްރޫއެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
އަބޫދާބީގެ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވަނީ 20 ބިލިއަން އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެއްގައެވެ.
މި މަޝްރޫއުގައި ބިޔަ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެއް ރާއްޖޭގައި ހިންގުމުގެ ތާރީހީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހު ދުބާއީގައެވެ. މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާ އައްބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ފުށިދިއްގަރުފަޅު ހިއްކައިގެން ބިނާކުރާ "ރަސްމާލެ" ގައި ހިންގާ މަޝްރޫއެކެވެ. ރަސްމާލެއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ހައްލުކުރުމުގެ ގޮތުން 1،100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައި، 65،000 ހައުސިން ޔުނިޓާއެކު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަ އީކޯ-ސިޓީއެކެވެ.
"ދަ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ކުރިއަށްގެންދާ މި އިންޓަގްރޭޓެޑް މަޝްރޫއުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ހޮޓާތަކާއި ރިޒޯޓުތަކާއި، އަގުބޮޑު ބްރޭންޑެޑް ރެޒިޑެންސްތަކާއި، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ވޯކްވޭތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން މަތީ ފެންވަރުގެ ވެލްނަސް ސެންޓަރުތައް ވެސް ހިމެނެއެވެ.
އީގަލް ހިލްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެކަމަށް ބުނެއެވެ.
މީގެއިތުރުން މަޝްރޫއު އެއްކޮށް ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ލަފާކުރެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ މުޅި މުއްދަތުގައި 30 ބިލިއަން ޑޮލަރަށްވުރެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ގައުމުގެ އިގްޤްތިޞާދަށް ވަންނާނެ ކަމަށް އަންދާޒާކުރެވެއެވެ.
މި މަޝްރޫއަށް ފައިސާ ހަމަޖައްސާނެ ގޮތުގެ ތަފްސީލާއި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.








