








އަވަށްޓެރި ސްރީލަންކާގެ ހަނަފަސްކަމާ ގުޅިގެން ވާރޭ ވެހޭތޯ ހާމުދުރުން ޖައްވަށް ފެން ބުރުއްސައިފިއެވެ.
މިކަން ކޮށްފައިވަނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އެލް ނީނޯ މޫސުމީ ކާރިސާއަކީ އެ ޤައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ގޯސް ހަނަފަސްކަން ކަމުގައިވާތީއެވެ.
ސެޕްޓެމްބަރު 19 ވީ ހޮނިހިރު ދުވަހުގެ ހަވީރު ކުރިއަށްދިޔަ މި ދަތުރުގައި، ވައިގެ ސިފައިންގެ (Y-12) މަރުކާގެ މަތިންދާބޯޓެއްގައި ތިބި ހާމުދުރުންނާއި ސިފައިން ވަނީ ފަސް ލީޓަރުގެ ޕްލާސްޓިކް ފުޅިތަކުގައި ހުރި ފެން ހަނަފަސްކަން ކުރިމަތިވެފައިވާ ސަރަޙައްދުތަކުގެ މައްޗަށް ބުރުވާފައެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ދަންމިކާ ޕަޓަބެންދީ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިއީ އެޤައުމުގެ ތާރީޚުގައި ވެސް ދިމާވި އެންމެ ހިތްދަތި ކާރިސާ ކަމަށެވެ. އަދި ހަތް ޑިސްޓްރިކްޓަކުން 115،000 އަށް ވުރެ ގިނަ މީހުންނަށް މި ކަމުގެ އަސަރުކޮށްފައިވާ ކަމަށާއި 113،000 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން ބޯފެން ފޯރުކޮށްދެމުން އަންނަކަމަށް ވެސް ބުނެއެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދެކުނު އިރުމަތީގެ މޮނަރަގަލާ ޑިސްޓްރިކްޓަށެވެ. އެ ސަރަޙައްދުގެ 12،732 ޢާއިލާއަކުން 41،360 މީހުން ހާލުގައި ޖެހިފައިވާއިރު، ބަޓިކަލޯ، ބަޑުއްލާ އަދި އަމްޕާރާ ފަދަ ޑިސްޓްރިކްޓްތަކަށް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޤައުމަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ނަމަވެސް، 2027 ގެ ކުރީކޮޅު، ޚާއްޞަކޮށް ޖެނުއަރީން އެޕްރީލް މަހާ ދެމެދު މާ ގަދަފަދަ ހަނަފަސްކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު މިނިސްޓަރު ޕަޓަބެންދީ ވަނީ ދެއްވާފައެވެ.
މި ކާރިސާއަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ ވަޒީރުންގެ ޚާއްޞަ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ. އަދި ކުރިއަށް އޮތް ވިއްސާރައިގެ ފައިދާ އެންމެ ފުރިހަމައަށް ނެގުމަށްޓަކައި، ކަނޑައެޅިފައިވާ ތާވަލަށްވުރެ ދެ ހަފްތާ ކުރިން ބަތް ހެއްދުމުގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ފެށުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ދަނޑުވެރިންނަށް އިލްތިމާސްކޮށްފައެވެ.




