

.jpg?w=3840&q=75)






25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ވިލިމާލޭގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، އެކި ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުން އެކަމަނާއަށް ގާރޑް އޮފް އޮނަރ އެއް އަރުވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ޚާއްސަ ހަދާނީ ހަދިޔާއެއް އަރުވާފައެވެ. މިހަދިޔާ އެކަމަނާއަށް އެރުވީ، މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ތިން ފަރާތަކަށް ރަމްޒީ ހަދިޔާ ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިކޭމްޕަކީ، ރާއްޖޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ބައިވެރިވެ އެތައްކަމެއް އުނގެނި އަދި ތަޖުރިބާ ޙާސިލުކުރި މައިދާނަކަށް ވާއިރު، މިކޭމްޕަށް ވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ހަމަ އެހެންމެ ޕީޓީއެލްގެ ޚިދުމަތަށް 25 އަހަރު ފުރުމާ، އަންނައަހަރަކީ ދިވެހިރާއްޖޭގެ ގާރލްގައިޑް އެސޯސިއޭޝަނަށް 75 އަހަރުފުރޭ ޑައިމަންޑް ޖުބިލީ އަހަރުކަމަށްވާތީ އެދުވަސް ކައިރިވަމުން އަންނަކަން ފާހަގަ ކުރައްވައި، ދިވެހިރާއްޖޭގެ ގާރލްގައިޑް ޙަރަކާތުގައި އިސްކޮށް އުޅުއްވާ އެންމެހާ ބޭފުޅުންނަށް ތަހުނިޔާ ދަންނަވާފައި ވެއެވެ.
އެކަމަނާގެ ވާހަކަފުޅުގައި މި އަންނަ އަހަރު ދިވެހިރާއްޖޭގެ ގާރލްގައިޑް ޙަރަކާތަށް 75 އަހަރު ފުރުން ރަމްޒުކޮށްދެނީ، އުނގެނުމާ ރަނގަޅު އަޚްލާޤަށް އަހުލުވެރިވުމަށް ދިވެހިން ދޭ އިސްކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ސިފަތަކަކީ، ދިވެހިންގެ ކުރިމަތީގައި ޤަދަރު އުފުލިގެންވާ ސިފަތަކެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހަމަ މިޔާއެކު، ގާރލްގައިޑް ޙަރަކާތުގެ ސަބަބުން، ބައިވެރީންގެ ފަރުދީ ތަރުބިއްޔަތަށް އަހުލުވެރި ކުރުވައި، ވަގުތަށް ކަމޭހިތުމާ، ފުރިހަމަ ސިއްޙަތައް އިސްކަންދިނުމާ ކަންކަމުގައި ފަރުވާތެރިވެ މުރާލިވުމުގެ އިތުރުން، އަމިއްލަ ޢާއިލާއާއި ގާތްތިމާގެ މީހުންގެ މައްޗަށް ކުލުނު އުފައްދައިދޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ އިތުރަށް ވިދާޅުވީ، ކުރިން އިޝާރާތް ކުރެއްވި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ގޮތްހުރި އަންހެން ފަރުދަކު މުޖްތަމަޢުގައި އުފެދިގެންދާ ކަމުގައެވެ. މީގެއިތުރުން ގާރލްގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރަށް، އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ގުޅިލާމެހިފައިވާ ޙަރަކާތެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިޙަރަކާތުގައި ދެވޭ ތަމްރީނުތަކުގެ ސަބަބުން، އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫޙް އާލާކުރުވާކަމަށާ، ފަރުދީ މަންފާއަށްވުރެ، ޖަމާޢަތުގެ މަންފާ ކުރިޔަށް ނެރުމަށް ހަނދާންކޮށްދޭ ކަމުގައިވެސް، އެކަމަނާ ވިދާޅުވިއެވެ.
ގާރލްގައިޑު ޙަރަކާތުގެ ޝިޢާރުން ރަމްޒުކޮށްދެނީ، ގޮންޖެހުންތަކާ، އެކިކަހަލަ ފިއްތުންތަކާ ފުރޮޅުންތަކުން ނެއްޓިގެން އަމާޒަށް ވާސިލުވުން ކަމަށާ، އެއީ އުއްމީދާ އުޖާލާކަން ދައްކުވައިދޭ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. ގައިޑް ޙަރަކާތުގައި ހިމެނޭ ކޮންމެ ދަރިވަރަކީވެސް، ޤައުމަށް ބޭނުންޖެހޭ ކޮންމެ ދާއިރާއެއްގައި ޚިދުމަތް ކުރާނެ ދަރިންކަން ފާހަގަކުރައްވައި، ދެވޭ ޚިދުމަތުގެ ބާވަތް ދަނެގެން، އޭގެ އެންމެ ހަރުދަނާ ރަނގަޅުގޮތުގައި، ޚިދުމަތް ފޯރުކޮށްދޭނޭ ދަރިވަރުން ކަމަށްވުމަށާ، ޤައުމީ އެންމެ އުސް ކުންނުތައް ދައްކުވައިދޭ ކުރިބޯށި ތަކަކަށްވުމަށް، އެކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް ސަރަޙައްދު ބައްލަވާ ލައްވާފައެވެ. އަދި ކޭމްޕްގެ ބައިވެރިންނާއެކު، ފޮޓޯއެއްގައިވެސް އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.


.jpg?w=3840&q=75)





.jpg?w=3840&q=75)