




.jpg?w=3840&q=75)



ކުޑަކުދިންނަށް ކުރާ އަނިޔާގެ 91 މައްސަލަ އޮގަސްޓް މަހު ހުށަހަޅައިފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ.
އެގޮތުން މި ބާވަތުގެ 32 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 14 މައްސަލައެއްކަމަށް އެ ވުޒާރާ އިން ބުނެއެވެ. އަދި މީގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ ހިމެނޭ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 08 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 04 މައްސަލައާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ މައްސަލަ ހިމެނޭއިރު، އެހެނިހެން 02 މައްސަލައެއް ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
އެ ވުޒާރާ އިން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮގަސްޓް މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 38 މައްސަލައެއް ކަމަށެވެ.




