
މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގް ފަށައިފި
މަސްވެރިކަމާއި ބްލޫ އިކޮނޮމީއާއި ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް މިއަދު ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މި މިނިސްްޓްރީއާއި ޗައިނާގެ ހައިނާން ޔުނިވާސިޓީ ގުޅިގެން ކުރިއަށްގެންދާ ޓްރެއިނިންގް ވޯކްޝޮޕެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަހުގެ މިއަދާއި މާދަމާ ކުރިއަށްގެންދާ މި ޓްރެއިނިންގް ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ ބައިވެރިވަޑައިގަންނަވާފައި އެވެ.
މި ޓްރެއިނިންގް ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ޙިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށާއި، ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ޓްރެއިނިންގް ގައި މި މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމަންޓް އެންޑް އެނާރޖީ، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓްރނޭޝަނަލް ހައި ސްކޫލްގެ ފަރާތުން 51 ފަރާތަކުން ބައިވެރިވާ ކަަމަށެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ މި ޓްރެއިނިންގެ ތެރެއިން ހައިނާން ޔުނިވަސިޓީ ބޭފުޅުން މިނިސްޓްރީގެ މެރިކަލްޗަރގެ ދިރާސާ ކުރާ ރަށްކަމަށްވާ ކ. މަނިޔަންފުއްޓަށް ޒިޔާރަށްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުގެ މަޤްސަދަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާރޓްނަރޝިޕްގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނު ދީ ހުނަރުވެރިކަން އިތުރުކުރުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.












